އާދަމް އާޒިމަކީ އެހެން މީހުން ގޮތަށް ޕާޓީ ދޫކޮށްފައި ދާނެ ބޭފުޅެއް ނޫން: ޝަރީފް
މިހާރު
13 ޑިސެމްބަރު 2025 | ހޮނިހިރު | 9:07
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މާލޭގެ މޭޔަރު އާދަމް އާޒިމާ އެކު، އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވި ދެ މެމްބަރަކު މަގާމުގެ ހުވާކުރެއްވުމުގެ ކުރިން އެ ޕާޓީ ދޫކުރެއްވިއިރު، އެމްޑީޕީގެ ވެރިކަން ގެއްލެން ދިމާވި ބަޔަކު ވެސް ފެނުނު ކަމަށާއި އެކަމަކު އާދަމް އާޒިމަކީ އެ ގޮތަށް އަމަލު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ އެމްޑީޕީގެ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ޕްރައިމަރީ ކެމްޕެއިނަށް ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި ޝަރީފް އެ އިޝާރާތް ކުރެއްވި އެއް ބޭފުޅަކީ އާދަމް އާޒިމްގެ އިދިކޮޅު ކެންޑިޑޭޓް އަދި ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އޭރު އެމްޑީޕީ ދޫކުރެއްވި އަލީ އާޒިމް އިތުރުން ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުނު މައިގަނޑު އެއް ސަބަބަކީ ވެސް ޑިމޮކްރެޓްސްގެ މެމްބަރުން ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލުކުރާއިރު ފަހުން ކޮންމެވެސް ވަރަކަށް ހިޔާލު އެއްގޮތްކޮށް މީގެ ދުވަސްތަކެއް ކުރިން އެ މެމްބަރުން އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އާދަމް އާޒިމްގެ ވާދަވެރި ކެންޑިޑޭޓް އަދި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.