ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު: ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި
މިހާރު
13 ޑިސެމްބަރު 2025 | ހޮނިހިރު | 12:47
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މަސްދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނުވަތަ އޭޕްރީލް 2021 ގައި ދީފައިވީ ނަމަވެސް މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން، މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ގެންގުޅެވޭނީ ބިދޭސީ ދެ މީހުންނެވެ. މަސްދޯނިތަކުގައި މަސައްކަތް ކުރަން ބިދޭސީންނަށް ހުއްދަ ދެނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށެވެ.