ހައްލެއް ނުހޯދެނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށް މަސްވެރިން ބުނެފި
މިހާރު
13 ޑިސެމްބަރު 2025 | ހޮނިހިރު | 6:41
ބޮޑުކަންނެލި މަސްވެރިން މީގެ ތިން ދުވަސް ކުރިން ފެށި އިހުތިޖާޖު، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިނުދެނީސް ނުހުއްޓާނެ ކަމަށް އެ މަސްވެރިން ބުނެފި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ މަސްވެރިން ކުރަމުންދަނީ ސިޔާސީ ކަމެއް ކަމަށް ސިފަކުރި ނަމަވެސް، އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި މަސްވެރިން ނުކުމެ ތިބީ އެތައް ކަންބޮޑުވުމަކާ އެކު ކަމަށެވެ.
ހަގީގަތު ވެސް ބޮޑުކަންނެލި މަސްވެރިން ތިބީ މަހަށް ނުފެށިފައި ކަމަށާއި އެތައް އާއިލާއެއް ވަނީ ނިކަމެތިވެފައި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ކަންނެލި ގަންނަ ޕްރައިވެޓް ކުންފުނިތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަޑީގައި ހުންނަވައި، ބޮޑުކަންނެލި މަސްވެރިކަމުގެ އިންޑަސްޓްރީ ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ތުހުމަތު ކުރެއްވި އެވެ.