"ޒޫޓޯޕިއާ 2"އަށް ވެސް އެއް ބިލިއަން ޑޮލަރު ލިބިއްޖެ
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 7:19
ޑިޒްނީގެ އެނިމޭޓެޑް ފިލްމު "ޒޫޓޯޕިއާ 2"އަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ މަހު 26 ގައި ރިލީޒްކުރި "ޒޫޓޯޕިއާ 2"އަށް އެއް ބިލިއަން ޑޮލަރު ލިބުނީ އެންމެ 17 ދުވަހުގެ ތެރޭގަ އެވެ. މިއީ "ޕީޖީ" ރޭޓިން ދީފައިވާ ފިލްމަކަށް މިވަރުގެ އާމްދަނީއެއް މިހާ އަވަހަށް ލިބުނު ފުރަތަމަ ފަހަރެވެ.
"ޒޫޓޯޕިއާ 2"އަކީ މި އަހަރުގެ ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ތިންވަނަ ފިލްމެވެ. މި ފިލްމުގެ އިތުރުން މި އަހަރު އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ފިލްމުތަކަކީ ޑިޒްނީގެ ލައިވް އެކްޝަން ފިލްމު "ލީލޯ އެންޑް ސްޓިޗް" އާއި ޗައިނާގެ އެނިމޭޓެޑް ފިލްމު "ނެ ޒާ 2" އެވެ.