ފްލިކްގެ ވައުދާ އެއްގޮތަށް ބާސާ މުޅިން ތަފާތު ވެއްޖެ
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 11:08
ކޯޗު ހެންސީ ޑިއެޓާ ފްލިކްގެ ވައުދާ އެއްގޮތަށް ބާސެލޯނާގެ ޓީމުން ތަފާތު ފެންނަން ފަށައިފި އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ މަހު ޗެލްސީ އަތުން ބަލިވި މެޗަށް ފަހު، ފްލިކް ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި މުޅިން ތަފާތު ބާސާއެއް ފެންނާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ އަނިޔާއިން ރަނގަޅުވެގެން އެނބުރި އަންނަ ކުޅުންތެރިންނާ އެކު ބާސާ، އަސްލު ފޯމަށް އިއާދަވުމުގެ މައްޗަށެވެ.
ގިނަ ކުޅުންތެރިން އަނިޔާއިން ރަނގަޅުވެގެން ކުޅެން ނުކުންނަށް ފެށުމާ އެކު އެ ޓީމުން ވަނީ ތަފާތު ފެންނަން ފަށައިފަ އެވެ. ރޭ އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗަކީ އޭގެ ހެއްކެކެވެ. އެ މެޗު ބާސާއިން 2-0 ން ކާމިޔާބު ކުރީ އަނިޔާގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ކުޅެން ނުކުމެ މިހާރު ރަނގަޅު ފޯމަކަށް އެޅެމުންދާ ރަފީނިއާގެ ދެ ލަނޑުންނެވެ.