ބޮންޑައި ބީޗްގައި ޔަހޫދީންނަށް ހަމަލާދިން މީހާގެ ބަޑި އަތުލީ މުސްލިމެއް
މިހާރު
14 ޑިސެމްބަރު 2025 | އާދިއްތަ | 8:39
އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ފާހަގަކުރަން ތިބި ބަޔަކަށް ބަޑިން ހަމަލާދިން ދެ މީހުންގެ ތެރެއިން އެކެއްގެ ގައިގައި ބައްދައިގަނެ ބަޑި އަތުލައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން މީހާ އަކީ މުސްލިމެއް ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ނުރައްކާތެރި ހަމަލާގައި 11 މީހަކު މަރާލާފައި ވާއިރު އޭގެ ތެރޭގައި، ހަމަލާ ދިން އެކަކު ހިމެނެ އެވެ. ހަމަލާގައި ދެން ބައިވެރިވި މީހާ ވެސް ޒަހަމްވެ ހާލު ދެރަ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
މި ހަމަލާގެ ތެރޭގައި އެންމެ ބޮޑަށް ސަމާލުކަން ލިބިފައިވަނީ ހަމަލާދިން އެކަކު ގަހެއްގެ ނިވަލުގައި ހުރެގެން މީހުންނާ ދިމާލަށް ބަޑިޖަހަނިކޮށް، ޕާކުކޮށްފައިވާ ކާރެއްގެ ފަހަތުގައި ފިލައިގެން ހުރުމަށް ފަހު، ހަމަލާ ދެމުން ދިޔަ މީހާއާ ދިމާލަށް ކުއްލިއަކަށް ގޮސް ކަރާއި ބަޑީގައި ހިފައި ހަމަލާ ހުއްޓުވި މަންޒަރަށެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ހަމަލާ ދެމުން ދިޔަ މީހާ ބިންމައްޗަށް ވައްޓާލައި ހަތިޔާރު އަތުލުމަށް ފަހު އެ މީހާއާ ދިމާލަށް ބަޑި ދިއްކުރެ އެވެ.