ޔުނައިޓެޑްގެ ކުރީގެ ތަރިން ޓީވީއަށް އަރައިގެން ފާޑުކިޔާއިރު ރަނގަޅު މައުލޫމާތެއް ނުހުރޭ: އަމޮރިމް
މިހާރު
15 ޑިސެމްބަރު 2025 | ހޯމަ | 11:44
ޓީވީތަކަށް އަރައިގެން އޭނާ އަށް ފާޑުކިޔާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ވާހަކަ ދައްކަނީ ރަނގަޅު މައުލޫމާތު ނެތިކަމަށް އެ ކްލަބްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.
އަމޮރިމްގެ މަސައްކަތާ ބެހޭގޮތުން ޓީވީ ޕަންޑިންޓުންގެ ގޮތުގައި މަސައްކަތްކުރާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ޕޯލް ސްކޯލްސް، ނިކީ ބަޓް، ގެރީ ނެވީލް އަދި ރޮއީ ކީން ވަނީ ތަކުރާރުކޮށް ސުވާލު އުފައްދައިފަ އެވެ.
ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ ރަން ޒަމާނުގައި ޔުނައިޓެޑާ އެކު ޕްރިމިއާ ލީގު 11 ފަހަރު ކާމިޔާބު ކުރި ސްކޯލްސް، ޓީވީގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ އަމޮރިމަކީ ޔުނައިޓެޑްގެ މަގާމަށް އެކަށީގެންވާ ކޯޗެއް ނޫން ކަމަށެވެ. އަދި އޭނާ އަށް ޓީމު ވެސް ރަނގަޅަށް ނޭނގޭކަމަށް ސްކޯލްސް ޓީވީގައި ބުންޏެވެ.