ރާއްޖެ-ޗައިނާ ގުޅުން ފުޅާކުރާނެ އިތުރު މަގުތަކާބެހޭ މުހިންމު މަޝްވަރާތަކެއް
މިހާރު
15 ޑިސެމްބަރު 2025 | ހޯމަ | 7:48
ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމާއި މިހާރު ވެސް ގުޅުން ގާއިމް ކޮށްފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާ ގުޅޭގޮތުން، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ވޮންގް ޑޮންގްމިން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާ ކުރައްވައިފަ އެވެ.
ރަސްމީ ދަތުރެއްގައި މި ވަގުތު ރާއްޖެ ވަޑައިގެން ހުންނެވި، ޑޮންގްމިން ރައީސް މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި، އެ މަނިކުފާނު ވަނީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް ޗައިނާއިން ދޭ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ، މިއަދުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހި ކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރު ވެސް ގުޅުން ގާއިމް ކޮށްފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދޭނެ މަގުތައް ހޯދުމާ ގުޅޭގޮތުން ކަމަށެވެ.