ހުޅަނގު އައްސޭރީގައި އާންމުން އުޅޭ 25 އިމާރާތެއް އިޒްރޭލުން ތަޅާލަނީ
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 6:40
އިޒްރޭލުން ހިފާފައި އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނޫރް ޝަމްސް ރެފިއުޖީ ކޭމްޕުގައި ހުރި، ފަލަސްތީނު މީހުން އުޅޭ 25 އިމާރާތެއް ތަޅާލަން ނިންމައި އިޒްރޭލު ސިފައިން އެކަން އަންގައިފި އެވެ.
ނޫރް ޝަމްސް ނިސްބަތްވާ، ތުލްކަރަމް ގަވަރުނަރޭޓްގެ ގަވަރުނަރު އަބްދުﷲ ކާމިލް އޭއެފްޕީއަށް ވިދާޅުވީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ "ކޯގަޓް" އިން މިކަން ރަސްމީކޮށް މިހާރު އަންގާފައިވާ ކަމަށެވެ.
އިޒްރޭލުން އަޅުވެތިކޮށްފައި އޮންނަ ފަލަސްތީނުގެ ސަރަހައްދުތަކުގައި މަދަނީ ކަންކަން ކޯޑިނޭޓްކުރާ ކޯގަޓްގެ ބަހެއް މިކަމާ ބެހޭ ގޮތުން ހޯދަން އޭއެފްޕީން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.