މަސާޖު ޕާލާތައް ބަންދުކުރަން ފޯކަސް ވަރުގަދަކޮށް 52 ތަނެއް ބަންދުކޮށްފިން: ރައީސް
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 11:46
މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް، ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 52 ތަނެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިމާދުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށާއި އެމީހުން ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން އަބަދުވެސް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް، މާލޭގައި ހިންގާ މަސާޖު ޕާލާތަކާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވުމުން، އެ މައްސަލަ އަވަހަށް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި މަހު 9 ވަނަ ދުވަހު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފެށި ކަމަށް ރައީސް ވިދާޅުވި އެވެ.