އިންޑިއާ މީހާގެ ލަގެޖުގައި ތިން ކިލޯ ޑްރަގް، ކޮންޓްރޯލްޑް ޑެލިވަރީ ކާމިޔާބެއް ނުވި

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 10:05

ރާއްޖެއަށް އައި އިންޑިއާގެ މީހެއްގެ ލަގެޖުން ޑްރަގް ފެނުނީ އެ ލަގެޖުގައި ސްޓިކާތަކެއް ޖަހާފައި ހުރުމުން ޝައްކުވެގެން ފާސްކުރި އިރު ކަމަށާއި އޭގައި ހުރި ތަކެތި ނެގީ އެ ލަގެޖާ ހަވާލުވާން އެހެން މީހަކު އާދޭތޯ ބެލުމަށް ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަން މަސައްކަތްކުރި ނަމަވެސް މީހަކު އަތުވެދާނެ ކަމަށް ނުބެލެވުމުން ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ފަސިމް ސަހަފް އޮޑަކުންތަނު، 22، މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް ދިން ތިން ދުވަސް ހަމަވާތީ އިއްޔެ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ދީ ނެރުނު އަމުރުގައިވާ ގޮތުން އޭނާގެ ލަގެޖުން 3.14 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.

ކަސްޓަމްސް އިން މިދިޔަ ހޯމަ ދުވަހު ބުނި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތީ ތިން ކިލޯ ކެނަބިސް ފަތެވެ. އޭގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ބުންޏެވެ. އެކަމަކު އެއީ އެ މީހާގެ އަތުން ފެނުނު ތަކެތި ބުނެފައި ނުވިޔަސް ހައްޔަރުކުރި ދުވަހާއި ފެނުނު މަސްތުވާތަކެތީގެ ބަރުދަން ކޯޓު އަމުރުގައިވާ މައުލޫމާތާ ދިމާވެ އެވެ.

މައުޟޫޢުތަށް