ޑިސެމްބަރު މަސް ނިމެނީ، އެސްޖޭ މިސްކިތެއް ނުނިމުނު!
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 4:13
ހުޅުމާލެ 2 ގައި އެސްޖޭ ކުންފުނިން އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މި އަހަރުގެ ކުރީކޮޅު ބުނެފައިވީ ނަމަވެސް މަސައްކަތުގެ ސްޕީޑު ހުރި ގޮތަށް ބަލާއިރު އެ ތާރީހަށް ނުނިންމޭނެކަން ޔަގީންވެއްޖެ އެވެ.
ހިޔާ ފްލެޓުތައް ކައިރިން ސަލާހުއްދީން ސްކޫލާ އިންވެގެން އޮންނަ ބިމުގައި އެ މިސްކިތް އިމާރާތްކުރަން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ދެމެދު ސޮއިކުރީ ޖެނުއަރީ 2022 ގަ އެވެ. އޭރު އެއްބަސްވެފައި އޮތީ މަސައްކަތް ފަށާތާ 420 ދުވަހުގެ ތެރޭގައި ނުވަތަ އެއް އަހަރާއި ތިން މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެ މަސައްކަތް ނުނިމި އެތައް ދުވަހެއް ދިގުލައިގެން ދާތީ އެތައް ބައެއްގެ ޝަކުވާ އިތުރުވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި އަހަރުގެ ފެބްރުއަރީ މަހު ވިދާޅުވީ، މި ޑިސެމްބަރު މަހުގެ ނިޔަލަށް އެ މިސްކިތުގެ މަސައްކަތް ނިންމާނެ ކަމަށެވެ.