މިސްރާއި އިޒްރޭލުން ގޭހުގެ 35 ބިލިއަން ޑޮލަރުގެ ޑީލެއް
މިހާރު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 12:35
ގޭސް އެކްސްޕޯޓް ކުރުމަށް މިސްރާ އެކު 35 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާކަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފި އެވެ.
"އިޒްރޭލުގެ ތާރީހުގައި ހެދި ގޭހުގެ އެންމެ ބޮޑު ޑީލަށް އަޅުގަނޑު ރުހުން ދީފިން. މި ޑީލްގެ އަގު 112 ބިލިއަން ޝެކެލްސް (34.7 ބިލިއަން ޑޮލަރު) އަށް އަރާ. މީގެ ތެރެއިން 58 ބިލިއަން ޝެކެލްސް (18 ބިލިއަން ޑޮލަރު) ދާނީ ދައުލަތުގެ ހަޒާނާއަށް،" ޓީވީން ދިން ބަޔާނެއްގައި ނަތަންޔާހޫ ބުންޏެވެ.
"މި އެއްބަސްވުން ހަދާފައިވަނީ އިޒްރޭލުގެ ޕާޓްނަރުން ހިމެނޭ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޝެވްރޮންއާ އެކު. އެ ކުންފުނިން މިސްރަށް ގޭސް ސަޕްލައިކުރާނެ."