އެފްއޭއެމް ވިމެންސް ލީގުގެ ފަހު މެޗުތައް ގަލޮޅު ދަނޑަށް
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 2:37
އެފްއޭއެމް ވިމެންސް ލީދުގެ ފަހު ތިން މެޗު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެން ނިންމައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށް ފުރަތަމަ ތާވަލް ކުރި، ރާއްޖޭގެ ފުރަތަމަ އަންހެން ފުޓްބޯޅަ ލީގު މިހާރު ކުޅެމުން އަންނަނީ ހެންވޭރު ދަނޑުގަ އެވެ. އެންމެ މި މަހުގެ އެއްވަނަ ދުވަހު ލީގު ފަށަން ވެފައި އޮއްވައި ފަހު ވަގުތު މެޗުތައް ހެންވޭރު ދަނޑަށް ބަދަލު ކުރަން ޖެހުނީ އެ ދުވަސްވަރު ކުރި ވިއްސާރައިގައި ގަލޮޅު ދަނޑުގެ ވިނަގަނޑަށް ވަރަށް ބޮޑަށް ގެއްލުން ވެފައި ވާތީ އެވެ.
ގަލޮޅު ދަނޑަކީ އެއްވަނަ ޑިވިޝަންގެ ކްލަބް މުބާރާތްތަކާއި ގައުމީ ޓީމުގެ ވެސް ހުރިހާ މެޗަކަށް ބޭނުން ކުރަން އޮންނަ ހަމައެކަނި ދަނޑަށް ވުމާ އެކު ސްޕޯޓްސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު މެޗުތައް ހެންވޭރު ދަނޑަށް ބަދަލުކުރަން އެފްއޭއެމުން ނިންމީ އެވެ. ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުރިއަށް ދާއިރު، އަންހެން ލީގު ފެށުމުގެ ކުރީ ތިން ދުވަހު ޕްރިމިއާ ލީގުގެ ފަސް މެޗު ގަލޮޅު ދަނޑުގައި ކުޅެފައިވެ އެވެ.