ކުޑަކުދިންނަށް ހާއްސަ ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ރައީސް އިއުލާންކުރައްވައިފި
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 1:46
ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫނު ފިލްމާއި ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެ ކަންބޮޑުވުމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސްގެ އެ ނިންމެވުން އިއުލާން ކުރެއްވީ ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމު ދިނުމަށް ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކަ އާއި ތާރީހު ކުޑަކުދިންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމު ކަމަށެވެ. ބަސް ދަސްކޮށްދިނުމަކީ ހަމައެކަނި ލިޔެފައިވާ ފިލާވަޅުތަކަކަށް ހަނިކުރެވިފައި އޮތުމުގެ ބަދަލުގައި، ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.