ރައީސްގެ ދަރިކަލުންގެ އަބުރާ ގުޅޭ މައްސަލަ އިސްތިއުނާފަށް
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 3:04
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އެމްޑީޕީން މިދިޔަ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން މަންދީ ވާހަކަ ދެއްކި މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒްގެ މައްޗަށް ފެމެލީ ކޯޓުގައި ދައުވާ ކުރެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.
އެ މައްސަލާގައި ފެމެލީ ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ މަންދީ ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ ކަރާމާތް ގެއްލިފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދީފައިވާކަން ސާބިތުވާތީ އެމްޑީޕީ އާއި ފައްޔާޒް އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.