މި މަހު ފެށި އޮޕަރޭޝަނުގައި 83 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް
މިހާރު
21 ޑިސެމްބަރު 2025 | އާދިއްތަ | 9:43
މަސާޖު ޕާލާގެ ނަމުގައި މާލޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވުމަށް ސަރުކާރުގެ ފޯކަސް ވަރުގަދަކޮށް މި މަހުގެ 9 ގައި ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ތަނެއް ބަންދު ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައިސް ވިދާޅުވީ، މަސާޖު ޕާލާތަކަށް އަމާޒުކޮށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 83 ތަނެއް ބަންދުކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނައިން އެފަދަ ތަންތަން ބަންދުކުރި ފަހަރު ކަމަށެވެ.
"9 ޑިސެމްބަރުން މިއަދު، 21 ޑިސެމްބަރުގެ ނިޔަލަށް 83 މަސާޖު ޕާލާ ބަންދުކުރެވިއްޖެ. އާދެ އަޅުގަނޑު ކުޑަކޮށް ދިރާސާ ހަދާލިއިރުގައި ރާއްޖޭގެ ތާރީހުގައި ދުވަހަކު ވެސް މިއާ ގާތްކުރަން ކީއްކުރަންތޯ މީގެ ބައިކުޅަ ބައި ވެސް ބަންދުކުރެވިފައި ނުވޭ،" މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާއި ހުޅުމާލެ 1 އަދި 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއި ހުޅުމާލެ 1 ގެ ރައްޔިތުންނާ ބައެއް ކަންކަން ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.