ފަލަސްތީނުގެ ދައުލަތަށް ހުރަސްއަޅަން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އިތުރު 19 އާބާދެއް
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 6:34
އިޒްރޭލުން ހިފާފައި އޮންނަ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމަށް އިތުރު 19 ސަރަހައްދެއް ކަނޑައަޅައި އިއްޔެ އިއުލާނުކޮށްފި އެވެ.
އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިނޭންސް މިނިސްޓަރު ބުނީ މި ކަން ކުރީ މުސްތަގުބަލުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހުރަސް އެޅުމަށް ކަމަށެވެ.
ސެކިއުރިޓީ ކެބިނެޓުން ނިންމި މި ނިންމުމާ އެކު ފާއިތުވި ތިން އަހަރުގެ ތެރޭގައި ހުއްދަ ދިން އާބާދުތަކުގެ އަދަދު 69 އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.