ދަރަނި ދައްކަން ދަތިވާ ގޮތަށް ފްލެޓުތަކުގެ ކުލި/ޖޫރިމަނާ އަށް ލުޔެއް ނުދެން: ރައީސް
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 9:04
މާލޭގެ އަވަށްތަކާއި ހުޅުމާލެ 1 އަދި 2 ގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން މިދިޔަ މަހު ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ އެންމެ ފަހު ބައްދަލުވުން ހުޅުމާލެ 1 ގެ ރައްޔިތުންނާ އެކު ރޭ ބޭއްވިއިރު ބައެއް މީހުންގެ ކަންބޮޑުވުން ގޮސް ހުއްޓުނީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މާފުކުރާ ކުރުމަށެވެ.
އޭގެ ސަބަބުން ދައުލަތަށް ވެސް ގެއްލުންވެ، ކުލި ނުދެއްކުމުގެ ސަގާފަތެއް އުފެދިދާނެ ކަމުގެ ފުރުސަތު އޮތް ކަމަަށް ބައެއް މީހުން ބުންޏެވެ.
ހުޅުމާލޭގެ ރެހެންދި ސްކޫލްގައި ބޭއްވި ޖަލްސާގައި އާންމުންގެ އެކިއެކި ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ ސަރުކާރުގެ އެކި ހައުސިން ސްކީމްތަކުގެ ދަށުން ފްލެޓު ލިބިފައިވާ މީހުންގެ ޖޫރިމަނާ ވިޔަސް އަދި އެހެން ކަހަލަ ލުޔެއް ވެސް ދެނީ ވަރަށް ބޮޑަށް ދިރާސާ ކުރެއްވުމަށް ފަހު ކަމަށެވެ. އަމުދުން ރާއްޖޭގެ އިގުތިސާދަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ނުނިންމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.