ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އީއާރުއޭ އިން އެދެނީ ގޯނާ ނުކުރަން!
މިހާރު
22 ޑިސެމްބަރު 2025 | ހޯމަ | 5:45
އިރުވައި މޫސުމާ ދިމާކޮށް މި ދުވަސްވަރު އެކި ބާވަތުގެ ދޫނި ރާއްޖެ އަށް ހިޖުރަ ކުރާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން މިއަދު އެދިއްޖެ އެވެ.
އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައީ ބުނީ މިގޮތަށް ހިޖުރަކުރާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރުންތަކެއް ކަމަށެވެ. ހިޖުރަކުރާ ދޫނިތައް ހިފައި އެ ތަކެތި ގެންގުޅުމަކީ އެ ގަވައިދުގެ ދަށުން މަނާކޮށްފައިވާ ކަމެއްކަން އެ ބަޔާނުގައި ބުންޏެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި، ރާއްޖެއިން ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މޫސުމާ ގުޅިގެން މިތަނަށް ހިޖުރަކުރާ ދޫންޏެވެ. އެހެންވެ، އެ ތަކެތި ރައްކާތެރިކުރުމަކީ ރާއްޖޭގެ ދިރުންތަކުގެ ސިންދަފާތު ނުވަތަ ގުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.