ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާ 600 މިލިއަނުން މަތީގައި، އެންމެ ގިނައިން ގެންނަނީ މެލޭޝިއާއިން
މިހާރު
23 ޑިސެމްބަރު 2025 | އަންގާރަ | 12:24
ރާއްޖެއަށް އެންމެ ގިނައިން ވޭޕް އެތެރެކުރަނީ މެލޭޝިއާ އިން ކަމަށާއި އެ ތަކެތި އެތެރެކޮށްގެން ކުރި ޖޫރިމަނާ 600 މިލިއަނަށް ވުރެ ގިނަ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް ކަސްޓަމްސް އިން އިއްޔެ ދިން ޖަވާބުގައި ބުނީ ވޭޕް މަނާކުރި ފަހުން މިދިޔަ އޮކްޓޯބަރު 31 ގެ ނިޔަލަށް 169 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ކުރި ޖޫރިމަނާގެ އަދަދު 551،010،000ރ. އަށް އަރާފައިވާ ކަމަށް ބުންޏެވެ.
ކަސްޓަމްސް އިން މައުލޫމާތު ހިއްސާކުރި މުއްދަތުގެ ފަހުން، 100 މިލިއަނަށް ވުރެ ބޮޑު ޖޫރިމަނާއެއް އަރާ ވޭޕް ޝިޕްމަންޓެއް ހިފަހައްޓާފައި ވާތީ ޖުމްލަ ޖޫރިމަނާ 600 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް، ކަސްޓަމްސް އިން ހާމަކޮށްފައިވާ މައުލޫމާތަށް ބެލުމުން އެނގެ އެވެ.