މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކަން ފުރުސަތެއް ނުދޭނެ: މިނިސްޓަރު
މިހާރު
23 ޑިސެމްބަރު 2025 | އަންގާރަ | 7:45
މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ތޯރިގް އެހެން ވިދާޅުވީ، ރިސޯޓުތަކެކޭ އެއްގޮތަށް "ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް، ވިއްކާ ތަކެތި" މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކުން ސަރުކާރުން ވިއްކުން މަނާކޮށްފައި އޮންނަ އޮތުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާއި "ވިއްކާ ތަކެތި" ކަމަށް ވިދާޅުވެ، މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ނަޝީދު ނުސީދާކޮށް ދެއްކެވީ ބަނގުރަލާއި އޫރުމަހުގެ ވާހަކަ ކަމަށް ވާތީ ގިނަ ބަޔަކު ދަނީ އެ މަނިކުފާނަށް ފާޑުކިޔަމުންނެވެ.