ހިޔާ ފްލެޓެއް 21،000ރ. އަށް ކުއްޔަށް ދޭން އިއުލާންކުރުމުން ފާޑުކިއުން!
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 12:11
ދައުލަތަށް ދައްކަން ޖެހޭ ކުލި ދެ ފަހަރަށް ކުޑަކޮށް، މަހު ކުލީގެ ގޮތުގައި 4،984 ރުފިޔާ އަށް ދީފައިވާ ހިޔާގެ ދެ ކޮޓަރީގެ އެޕާޓްމަންޓެއް 21،000 ރުފިޔާ އަށް ކުއްޔަށް ދޫކުރަން އިއުލާންކުރުމުން އާއްމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓަކީ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން އެންމެ ކުޑަ ކުއްޔެއް ދައުލަތަށް ދައްކަން ޖެހޭ ސްކީމެވެ. އެތަނުގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިޓަނަންސް ފީއާ އެކު ދެ ކޮޓަރީގެ ފްލެޓަކަށް 5،000ރ. ނާރާއިރު، މިއީ މާލޭގެ ބޯހިޔާވަހިކަމުގެ އަގުތަކާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.
ހިޔާގެ ކުއްޔަށް އެންމެ ފުރަތަމަ، މަހަކު 7،500ރ. ކަނޑައަޅާފައިވިޔަސް ކުރީ ސަރުކާރުން ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް 2023 ވަނަ އަހަރުގެ މެއި މަހު، ހިޔާގެ ކުލި 5،300ރ. އަށް ކުޑަކޮށްފަ އެވެ. އެކަމަކު މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ކުލި އަނެއްކާވެސް ވަނީ ކުޑަކޮށްދީފަ އެވެ. މިހާރު ދެ ކޮޓަރީގެ އެ ފްލެޓުތަކަށް ކުއްޔަށް ދައްކަން ޖެހެނީ މެއިންޓެނަންސް ފީއާ އެކު މަހަކު އެންމެ 4،984ރ. އެވެ.