ވައްކަމުގެ ތުހުމަތުވި މީހާއަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަމަލެއް: އެޗްއާރުސީއެމް
މިހާރު
24 ޑިސެމްބަރު 2025 | ބުދަ | 5:00
މާލޭގައި ވައްކަމެއްގެ ތުހުމަތު ކުރެވުނު މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލުމަކީ ލާއިންސާނީ އަމަލެއް ކަމަށާއި އަދި އެފަދަ ނާތަހުޒީބު އަމަލުތައް ވީޑިއޯކޮށް ދައުރު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
ރޭ އާއްމުކޮށްފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ބައެއްގެ އަތްދަށުވެ އަދި އަމިއްލަ ދިފާއުގައި މާބޮޑު ކަމެއް ނުކޮށް ހުރި އެ މީހާ ބިންމައްޗަށް ވައްޓާލުމަށްފަހު ބިންމަތީގައި ދަމައި، އޭނާގެ އަތްމައްޗަށް ސޭފްޓީ ބޫޓަކުން އަރައި އަދި ތަޅައި އަނިޔާ ކުރުމަށްފަހު މޫދަށް އެއްލާލަ އެވެ.
އެ މައްސަލާގައި އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ވައްކަން ކުރިކަމަށް ތުހުމަތުކުރުވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ކުރަމުން ގެންދާތީ އެފަދަ ނާތަހުޒީބު ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އެދޭ ކަމަށެވެ.