ހުއްދަނެތި ވިޔަފާރިކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް
މިހާރު
25 ޑިސެމްބަރު 2025 | ބުރާސްފަތި | 8:13
ލައިސަންސް ނުނަގައި ރާއްޖޭގައި ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ބަންގްލާދޭޝްގެ ދެ މީހަކު ހައްޔަރުކޮށް ކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށް އިއްޔެ ބަންދުގެ މުއްދަތު އިތުރުކުރި ދެ މީހުންނަކީ އަފްޖަލް ހޮސައިން، 31، އާއި ހަބީބުރު ރަހްމާން، 34، އެވެ.
މި ދެ މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުގައި މި މީހުންގެ ވިޔަފާރިއާ ބެހޭ ގޮތުން ފުލުހުންގެ ތަފްސީލީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައިވެ އެވެ. އަދި މިއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށާއި މިކަމުގައި ގިނަ އަދަދެއްގެ ފައިސާ ދައުރުކޮށް ބޭނުންކޮށްފައިވާކަން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.