ދިވެހި ކުޅިވަރުގައި ހާސިލުނުކުރެވި އޮތް ތާރީހީ ކާމިޔާބެއް ހޯދުމުގެ ވަރުގަދަ އަޒުމުގައި!
މިހާރު
25 ޑިސެމްބަރު 2025 | ބުރާސްފަތި | 11:57
އެއް އަހަރު ކުރިން ރާއްޖޭގެ ފަސްގަނޑުގައި ގައުމީ އަންހެން ވޮލީ ޓީމުން ކުރި ހިތި ތަޖުރިބާގެ ހަނދާން، ކުޅުންތެރިންގެ ސިކުނޑީގައި އަދިވެސް އެބަހުއްޓެވެ. އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ފައިނަލުގައި ސެޕްޓެމްވަރު 2024 ގައި ދިވެހި ޓީމު ކިރިގިސްތާނު އަތުން ބަލިވީ ފަސް ސެޓަށް ކުޅެ 3-2 ންނވެ.
ކިރިގިސްތާނުން ދެ ސެޓްގެ ލީޑެއް ނަގާފައި ވަނިކޮށް ރާއްޖޭން ފަހަތުން އަރައި ހަމަހަމަ ވެސް ކުރި އެވެ. އެ ހިތްވަރާ އެކު ފަސްވަނަ ސެޓަށް ނުކުތް ދިވެހި ޓީމަށް އެ ސެޓް ދޫވާން ޖެހުނީ ޓެކްނިކަލް ކޮންކަމެއް ގޯހުން ގޮސްގެން ކަމެއް ނޭނގެ އެވެ. މިރޭ ވެސް އަނެއްކާ ރާއްޖޭގެ ފަސްގަނޑުގައި ގައުމީ އަންހެން ވޮލީ ޓީމަށް ފައިނަލެކެވެ. އިދިކޮޅަށް ނުކުންނަނީ ވެސް މީގެ އެއް އަހަރު ކުރިން ރާއްޖެ އަށް ލަނޑު ދިން ކިރިގިސްތާނެވެ.
އެކަމަކު މިފަހަރު ދިވެހި ކުޅުންތެރިން ތިބީ ކުރީގެ ހިތި އެ ތަޖުރިބާއިން ފިލާވަޅު ދަސްކޮށްގެންނެވެ. ރާއްޖޭގެ މިހާރުގެ ކޯޗު މުހައްމަދު ނަދީމު ބުނި ގޮތުގައި ރަން މެޑަލް ނޫން އެއްޗެއް ކުޅުންތެރިން މިހާރު ބޭނުމެއް ނޫނެވެ. ކުޅުންތެރިންގެ ބެންޗްމާކަކަށް އޮތީ ވެސް އޭނާ ބުނި ގޮތުގައި މިދިޔަ އަހަރު ކިރިގިސްތާނުން ވީ ބައްޔެވެ. "ކުޅުންތެރިން އެބަ ބުނޭ ތިމަންނަމެން ފައިނަލުގައި (ކިރިގިސްތާނާ ދެކޮޅަށް) ފަސް ސެޓަށް ގެންދިޔައީމޭ. ވަރުގަދަ ފައިނަލެއް ކުޅެފީމޭ. މި ތަށި ރާއްޖޭގައި ބަހައްޓަން "ކުޅުންތެރިން ތިބީ ވަރަށް ވަރުގަދަ އަޒުމެއްގައި،" މުބާރާތުގެ ކުރިން "މިހާރު" އަށް ދިން އިންޓަވަވިއުގައި ނަދީމް ބުންޏެވެ. ރާއްޖޭގެ އަމިއްލަ ފަސް ގަނޑުގައި ބޭއްވި ބައިނަލްއަގްވާމީ މުބާރާތެއްގައި، އަދި މިހާތަނަށް ޓީމު އިވެންޓަކުން ދިވެހި އެއްވެސް ޓީމަކަށް ރަން މެޑަލް ހޯދިފައެއް ނެތެވެ.