ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރެއްނުވި، ހޮނިހިރު ދުވަހު ހުކުމްކުރަނީ

މިހާރު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 1:01

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ކޯޓަށް ހާޒިރުނުވުމުން އެ މައްސަލާގެ ހުކުމް އިއްވުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.

ކޭ ޕާކް ހަދަން ހަވާލުވި ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އަދި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދުނު ކަމަށެވެ. އަދި "މާތްﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދުނު ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް