ކޯޓަށް ހާޒިރުކުރަން މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިހާރު

27 ޑިސެމްބަރު 2025 | ހޮނިހިރު | 12:49

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތަށް އޭނާ ބަންދުކޮށްގެން ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ފުލުންގެ ބަންދުގައި ބަހައްޓައިގެން މިއަދުގެ މެންދުރު ދޭއް ޖަހަންވާއިރަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނީ އެ ދުވަހުގެ ޝަރީއަތަށް ވެސް އޭނާ ނުދިއުމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މައްސަލާގެ އަޑުއެހުން ކެންސަލް ކުރަން މަންޑޭގެ ފަރާތުން ކޯޓުގައި އެދިފައިވާ ކަމަށެވެ. "މާތް ﷲއަށްޓަކައި ވެސް ޝަރީއަތް ފަސްކުރަން" މަންޑޭގެ ފަރާތުން އެދިފައިވާ ކަމަށާއި އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް ކޯޓުން އަންގާފައިވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވެފައި ވެ އެވެ.

މައުޟޫޢުތަށް