ރޮނާލްޑޯ ބުނީ "އިންޝާﷲ" 1000 ގޯލް ހަމަކުރާނަމޭ!
މިހާރު
29 ޑިސެމްބަރު 2025 | ހޯމަ | 9:11
ކެރިއަރުގައި 1000 ގޯލު ހަމަކުރަން ބޭނުންވާ ކަމަށާއި ސިއްހަތު ސަލާމަތުން ހުރެއްޖެ ނަމަ، "ﷲގެ އިރާދަފުޅާ އެކު" އެ އަދަދު ހަމަކުރާނެ ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 40، ބުނެފި އެވެ.
"އަހަރެން ބޭނުމީ އިތުރު ތަށިތަކެއް ހޯދުން، އަދި އެ އަދަދެއް ތި އެންމެނަށް ވެސް އެނގޭ އަދަދާ އަރާ ހަމަކުރުން. ޔަގީން ކަމާ އެކު އެކަން އަހަރެން ހާސިލް ކުރާނަން އަނިޔާއެއް ކުރިމަތި ނުވާ ނަމަ، އިންޝާﷲ،" ގްލޯބް ސޮކަ އެވޯޑްސްގައި، އޭނާގެ އަމާޒު ހާމަކޮށްދެމުން ރޮނާލްޑޯ ބުންޏެވެ.
މި އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ރެކޯޑް ހަ ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ، 2023 ގައި ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ބަދަލު ވިފަހުން، މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ.