ރާއްޖެ- އިންޑިއާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔަ މޯދީގެ ތާރީޚީ ދަތުރުފުޅު
މިހާރު
1 ޖެނުއަރީ 2026 | ބުރާސްފަތި | 12:31
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މޯދީގެ މި ދަތުރުފުޅު ހާއްސަވި މައިގަނޑު އެއް ސަބަބަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމުން އިސްވެ ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން އުފެދުނު ސިޔާސީ ނުތަނަވަސްކަމެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކޮށްލަން ގޮވާލައި ހިންގި ކެމްޕެއިނަށް ފަހު ޕީޕީއެމް ވެރިކަމަށް އައުމުން ފެނުނީ ހީކުރި ގޮތާ ހިލާފަށް ރާއްޖެ އާއި އިންޑިއާގެ ގުޅުން މާ ބޮޑަށް ވަރުގަދަކުރި ތަނެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތުމުން ސަރުކާރުން މޯދީ އަށް ހޫނު މަރުހަބާއެއް ކިޔާފައި ވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯދީގެ ފޮޓޯފުޅާއި އިންޑިއާގެ ދިދަ ޖަހައި ޒީނަތްތެރި ކުރި އެވެ. އަދި މާލެ ޖުމްހޫރީ މައިދާން ސަރަހައްދު ވެސް މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިތަކުން ޒީނަތްތެރި ކުރި އެވެ.