ދުންފަތާ ދެކޮޅު މަސައްކަތަށް ޑަބްލިޔުއެޗްއޯގެ ހާއްސަ އެވޯޑު ރައީސަށް އަރުވައިފި
މިނޫސް
30 މޭ 2025 | ހުކުރު | 3:26
ދުންފަތުގެ ނުރައްކާތަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ބަލައިގަނެ، އެ ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ދެއްވަން ނިންމި ހާއްސަ އެވޯޑު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރޭ އަރުވައިފި އެވެ.
މި އެވޯޑު ރައީސަށް އަރުވާފައިވަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް، އިއުލާން ކުރައްވާފައިވަނީ، ރައީސް މުއިއްޒު، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑާޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގަ އެވެ.