ދައުވާކޮށްދޭން އެދުމާއެކު އަކްރަމްގެ ޕާސްޕޯޓު އަލުން ހިފަހައްޓައިފި

މިނޫސް

3 ޖޫން 2025 | އަންގާރަ | 12:42

ކުރީގެ ސަރުކާރުން ހިންގި ''ގެދޮރުވެރިޔާ'' ސްކީމްގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ، އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން އެދުމާއެކު، އޭނާގެ ޕާސްޕޯޓު އަލުން ހިފަހައްޓާފައިވާ ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން ބުނެފި އެވެ. 

އޭސީސީން ބުނެފައިވާ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމްގެ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިންކަން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގެ އެވެ.އެ މައްސަލައިގައި އަކްރަމްގެ އިތުރުން ދައުވާކޮށްފައިވަނީ އޭރުގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލަކަށް އޭރު އަދި މިހާރު ވެސް ހުންނެވި އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.އެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ނާޖައިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނީ، އަކްރަމްގެ ޕާސްޕޯޓް، ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. 

މައުޟޫޢުތަށް