ބިލު ކުރާ ހިސާބުން ޖީއެސްޓީ ދައްކަންޖެހޭތީ ހުށަހެޅި ގަރާރު ބަލައިނުގަތް

މިނޫސް

17 ޖޫން 2025 | އަންގާރަ | 4:47

އަމިއްލަ ވިޔަފާރިތަކުން ބިލު ކުރާ ހިސާބުން އެ މުއާމަލާތަށް ޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް އޮތް ނިޒާމުގެ ސަބަބުން ވިޔަފާރިތަކަށް ދަތިވެ، ޝަކުވާތައް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދޭން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު، ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ކެޔޮދު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެ ގަރާރުގައި ވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މިގޮތުން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި، ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތު ކަމަށް ބަޔާންކޮށްފައި އޮތުމުން، އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރު ހިނގާ ކަމަކަށް ނުވާއިރު، އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް އެ ގަރާރުގައި ބުންޏެވެ.

މައުޟޫޢުތަށް