ރަސްމީ ދަތުރުފުޅެއްގައި ފަސްޓްލޭޑީ ދުބާއީއަށް

މިނޫސް

17 ޖޫން 2025 | އަންގާރަ | 8:56

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މެޑަމް ސާޖިދާ ދުބާއީއަށް ފުރާވަޑައިގެންނެވީ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް ކަމަށެވެ.މިމަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގެ އިފްތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.މި ބައްދަލުވުންތަކުގައި މަޝްވަރާތައް ބިނާކުރުމަށް ހަމަޖެހިފައި ވަނީ، ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތައުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައް ވެސް، ސަމިޓުގެ ބައިވެރިން މުރާޖައާ ކުރާނެ އެވެ.މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު މެޑަމް ސާޖިދާއަށް ވަނީ މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވާފަ އެވެ.އެކަމަނާ ގެންދަވަނީ، ދަރިމައިވުމުގެ ސިއްހަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ގާބިލުކަން އިތުރުކުރުމަށްޓަކައި މެކް ފައުންޑޭޝަނާއެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ. 

މައުޟޫޢުތަށް