ހެޔޮ ނިޔަތުގައި ވިޔަސް އަމީން ސީޕީއަށް ގުޅުން ބަލައެއްނުގަނެވޭ: ކޮމިޝަން
މިނޫސް
17 ޖޫން 2025 | އަންގާރަ | 4:01
ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި، އަމިއްލަ މަސްލަހަތު ވަރަށް ބޮޑަށް ޝާމިލުވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އޭރު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފަ އެވެ.އެ ކޮމިޝަންގެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ އޭނާ އެކު އުޅުނު ޒުވާނުންތަކަކާ އެކު ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެ ޓެރެސްގައި ކަމަށް ފާހަގަކޮށްފައިވެ އެވެ.
ޔުމްނުއާ އެއްކޮށް އެ ޓެރެސް މަތީގައި އުޅުނު މީހުންގެ ތެރޭގައި، މި ހާދިސާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދު ހިމެނޭ ކަމަށާއި، އޭނާއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމީންގެ ޓީމުގައި ހިމެނޭ މީހެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.