ސަރުކާރުން ކުދިމެދުފަންތީގެ ވިޔަފާރިތަކާ ދެކޮޅަށް 'ހަނގުރާމަ' އިއުލާނުކޮށްފި: އަމީރު
ސަން
1 ޖޫން 2025 | އާދިއްތަ | 3:49
ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ދެކޮޅަށް 'ހަނގުރާމަ' އިއުލާނުކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅުން އެންމެ ބޮޑަށް ތުހުމަތުކުރާ އެއް ކަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ސަރުކާރުން މާ ބޮޑު އަޅާލުމެއް ނުދިނުމެވެ. އޭގެ ސަބަބުން އެ ވިޔަފާރިތައް ހުއްޓުމަކަށް އަންނާތީ އެމްޑީޕީން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ހަމައެއާއެކު ޕްރައިވެޓް ކުންފުނިތަކަށް މަޝްރޫއުތައް ނުދީ، ހަމައެކަނި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަކީ ވެސް އެފަދަ ވިޔަފާރިތައް ނުހިނގާނެ ކަމެއް ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން, ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި، އެ ފައިސާ މިހާރު ދޫކުރަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ ޖަނަވަރީ ހަތެއްގައި ވިދާޅުވެފައެވެ. ނަމަވެސް އަދިވެސް އެ ފައިސާ ދޫކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.