ދީނުގައިވާ ގޮތަށް ޢީދު ފާހަގަކުރޭތޯ ކަށަވަރުކުރަން މިނިސްޓްރީން ގޮވާލައިފި
ސަން
2 ޖޫން 2025 | ހޯމަ | 3:00
މި އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ސިޓީތަކާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ޢީދުގެ ކަންކަން ކުރިއަށް ގެންދާކަން ކަށަވަރުކުރަން ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކަށް ލޯކަލް ގަވަނަންސް މިނިސްޓްރީން މިއަދު ގޮވާލައިފިއެވެ.
ޙައްޖު ދުވަހަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށްވާއިރު، އީދު ދުވަސްތައް ފެށެނީ ހުކުރު ދުވަހެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، އަޟްހާ ޢީދަކީ ދިވެހި ގައުމަށާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި އަދި އެހާމެ އުފާވެރި މުނާސަބަތެއް ކަމަށެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ވެސް ވަރަށް ކުލަގަދަ ގޮތެއްގައި އަޟްހާ ޢީދު ފާހަގަކުރާ ބައެއް ކަމަށާއި، އެކަމުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އޮންނަ އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، ދިވެހީންގެ އިޖުތިމާއީ ގުޅުން ބަދަހިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.