އީދުން ލިބޭ ހިތްހަމަޖެހުމަށް ވާންވާނީ އާއިލާއާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިވުން: ރައީސް
ސަން
5 ޖޫން 2025 | ބުރާސްފަތި | 7:31
އީދުގެ ހަގީގީ ޒީނަތްތެރިކަމަކީ ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކޮށް، ދަރީންނަށް ދައްކުވައިދޭ ރިވެތި ނަމޫނާއާއި ދޭ ނަސޭހަތްތަކުން ލިބޭ ތަސައްލީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އުފާވެރި އަޟްހާ އީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދިވެހީންނަށާއި އިސްލާމީ އުންމަތަށް އަރިސްކުރައްވައި ފޮނުއްވި ޚިތާބުގައެވެ.
އީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތައުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުންކަން ރައީސްގެ ޚިތާބުގައިވަނީ ފާހަގަ ކުރައްވައިފައެވެ.