އާރުޑީސީއަކީ ނަޒާހަތްތެރި ކުންފުންޏަކަށް ހެދުމަށް އޮނިގަނޑަށް ބަދަލުތަކެއް ގެންނަނީ
ސަން
10 ޖޫން 2025 | އަންގާރަ | 9:06
މިދިޔަ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައި އޮތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ތެރެއިން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ޓަކައި، އެ ތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ފަށާފައި ވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު މިއަދު ވިދާޅުވެއްޖެއެވެ.
އާރުޑީސީއަކީ އެމްޑީޕީގެ ވެރިކަމުގައި ގިނަ ހިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ. އެ ވެރިކަން ނިމުނުއިރު އެ ކުންފުނީގެ ދަރަނި އޮތީ ވަރަށް ބޮޑުވެފައެވެ.
އާރްޑީސީގެ މިހާރުގެ މެނޭޖުމަންޓުން ބުނިގޮތުގައި މި ސަރުކާރުން ކުންފުންޏާ ހަވާލުވީއިރު އެ ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ދެ އަހަރުގެ މުއްދަތުގައި އެއްވެސް ޓްރާންސެކްޝަން ސްލިޕެއް ނެތި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.