ސަރުކާރު މެންބަރުން: "ލާމަރުކަޒީ ނިޒާމު އުފެދުމުގެ ނިޔަތް ގޯސް، އިސްލާހުކުރުން މުހިންމު"
ސަން
16 ޖޫން 2025 | ހޯމަ | 12:24
އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ވުޖޫދުކުރުމުގައި، ގެންގުޅުނީ ގޯސް ނިޔަތެއް ކަމަށާއި، އެއީ މި ނިޒާމު އިސްލާހުކުރަންޖެހޭ އެންމެ މުހިންމު އެއް ސަބަބުކަމަށް ވިދާޅުވެ، މި ނިޒާމު އިސްލާހުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ސަރުކާރު މެންބަރުން ތާއީދުކުރައްވައިފިއެެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދުވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 15 އަހަރު ފުރުނުއިރު، އެ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކާއި، އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި، ގޮންޖެހުންތަކުގެ މައްޗަށް 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވިޑައިގަންނަވާ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.
މި ގަރާރަށް ބަހުސްކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ، ރައްޔިތުންނަށް ބާރުތައް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން އެ ބާރުވެރިކަން ރައްޔިތުންނަށް ލިބޭތޯ ސުވާލު އުފެއްދެވިއެވެ.