ފުދުންތެރި ދައުލަތެއް ބިނާކުރަން ރައްޔިތުންގެ އެއްބާރުލުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ސަން

17 ޖޫން 2025 | އަންގާރަ | 2:07

ދިވެހިރާއްޖެއަކީ އިގުތިސާދީ ގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އެންމެންގެ ޒިންމާއެއްކަމަށާއި، އެ ޒިންމާއާ ވާޖިބު އަދާކުރުމުގައި ދިވެހި ކޮންމެ ރައްޔިތަކު ވެސް ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

'ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާވޭ' ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ގައުމުގައި ފަސް އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެ އަމާޒަށް ވާސިލުވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ ފަދަ ދިވެހީންގެ ޚިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ޚާއްސަ އިނާޔަތްތައް ތައާރަފުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ޚާއްސަ އިގްތިސޯދީ މަޝްރޫއުތައް ފެށިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް