އެމްޕީ މުހައްމަދު އިސްމާއީލްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލުކޮށްފި
ސަން
17 ޖޫން 2025 | އަންގާރަ | 6:23
ދެހާސް ބާވީސް ވަނަ އަހަރު ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި މިހާރުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމުގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ބާތިލުކޮށްފިއެވެ.
މިކަމާ ގުޅިގެން މިއަދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި އިއުލާނެއްގައި ވަނީ، ޔޯގާޑޭގެ ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދައުވާތައް މުރާޖާކޮށްދިނުމަށް, ދައުވާ އުފުލާފައިވާ ބައެއް މީހުންގެ ފަރާތުން ހުށަހަޅައިފައި ވާކަމަށެވެ. އޭގެތެރޭގައި މުހައްމަދު އިސްމާއީލް ވެސް ހިމެނޭކަން ޕީޖީ އޮފީހުން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.
އެހެންކަމުން އެ ދައުވާތައް މުރާޖާކުރުމަށް ފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ފިޔަވާ، އެހެންމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށް އެ އިއުލާނުގައި ވެއެވެ.