ސުޕްރީމް ކޯޓުން ވެސް ޝައްމާން މިނިވަނެއް ނުކުރި
ސަން
18 ޖޫން 2025 | ބުދަ | 1:42
ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ބަންދުން ދޫކޮށްލަންޖެހޭ ހާލަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފިއެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 21ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މައްސަލަ ޝައްމާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމީ ޝައްމާންގެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށެވެ. އެ ގޮތުން، އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުންނަކީ ކުރިން އޭނާގެ ދަށުން މަސައްކަތްކުރި މީހުން ކަމުން އެ މީހުންގެ ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.