އދ.އިން ޖަރީމާތައް ފޮރުވަނީ، އިސްލާމުން އާ އިއްތިހާދެއް އުފައްދަންޖެހޭ: ފައްޔާޒް
ސަން
22 ޖޫން 2025 | އާދިއްތަ | 6:46
އދ. އިން ދުނިޔޭގެ އަމަން އަމާންކަމާއި، ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ ބަދަލުގައި މިހާރު ކުރާ ކަމަކީ ބާރުގަދަ ގައުމުތަކާއި އެ ގައުމުތަކުގެ ބައިވެރިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ފޮރުވުން ކަމަށާއި އިސްލާމުން އާ އިއްތިހާދެއް ގާއިމްކުރަން ޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެފަދައިން ވިދާޅުވީ މެދު އިރުމަތީގައި މިހާރު އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒު ވިދާޅުވީ މިހާރު ފެންނަނީ ދުނިޔެ ހަމަޖެހުމެއް ނެތް އަނިޔާވެރި ތަނަކަށް ވެގެންދާ މަންޒަރު ކަމަށެވެ. ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރާ އދ. އަކީ މިހާރު ސުލްހަ ގާއިމްކުރާ ތަނެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ސުލްހަ ގާއިމުކުރުމުގެ ބަދަލުގައި އދ. އަކީ މިހާރު ބާރުގަދަ ގައުމުތަކާއި އެ ގައުމުތަކުގެ ބައިވެރިން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ފޮރުވަން މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ފައްޔާޒް ވަނީ ސިފަކުރައްވައިފައެވެ.