ދިރާސާއަށް ފަހު ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ގޮތެއް ނިންމަނީ
ސަން
23 ޖޫން 2025 | ހޯމަ | 11:24
މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ބިދޭސީންނަށް ދިނުމާ މެދު ގޮތެއް ނިންމުމަށްޓަކައި މިހާރު ދިރާސާތަކެއް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ މިހާރު ވެސް ބިދޭސީ މަސައްކަތްތެރިންނާ ދޭތެރޭ އޮންނަ ތަފާތު ކުރުންތައް އިތުރުވެ، އެ މީހުންގެ ހައްގުތައް ގެއްލޭ ކަމެކެވެ.
މީގެ ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ އެއީ އެ މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ބުނެފައެވެ. ހަމައެއާއެކު ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ވަނީ ލަފާކޮށްފައެވެ.