ހަމަލަތަކަށް 2 ހަފުތާ: އީރާން އިސްރާއިލު ހަނގުރާމައާ ގުޅިގެން ކުރިއާލާ ފިޔަވަޅު އަޅަން ގޮވައިލައި ކުއްލި މައްސަލައެއް
ސަން
24 ޖޫން 2025 | އަންގާރަ | 10:51
މެދުއިރުމަތީގައި މިހާރު އީރާނާއި އިސްރާއިލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި އިގްތިސޯދީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ސަމާލުވެ، ކުރިއާލާ ފިޔަވަޅުތައް އަޅަން ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ 45 މެންބަރުންގެ ވޯޓުން ބަލައިގަނެ ބަހުސްކުރުމަށް ފާސްކޮށްފައެވެ. އެ ކުއްލި މައްސަލައާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲއެވެ.
ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިސްރާއިލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާރު ހަމަލާތައް ދޭން ފަށާފައިވާއިރު، މެދުއިރުމަތީގެ އިތުރު ގައުމުތަކަށް އެ ހަނގުރާމަ ފެތުރި ގިނަ ދުވަސްތަކަކަށް ހަނގުރާމަ ދިގުދެމިގެން ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.