އާރްޓީއެލް ފެރީ ރ. އަތޮޅަށް، ފުރަތަމަ ހަފުތާގައި ހިލޭ
ސަން
25 ޖޫން 2025 | ބުދަ | 10:29
ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި މާދަމާ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެ އަތޮޅުގެ ރައްޔިތުން ފެރީގެ ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ގޮތުން، މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަަލަށް ހިލޭ ދަތުރުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮންމެ އަތޮޅަކަށް ވެސް އެ ޚިދުމަތް ފެށުމަށް ފަހު ފުރަތަމަ ހަފުތާގައި ޚިދުމަތް ދެނީ ހިލެއެވެ. އެއީ، އެ ހިސާބުތަކުގެ މީހުން ފެރީއަށް އަހުލުވެރި ކުރާށެވެ.