މުސްލިމުންގެ އަދުއްވުންނާ ދެކޮޅަށް އެއްބައިވެ، ދީން މަތިވެރިކުރަން ސިޔާމް އިލްތިމާސްކުރައްވައިފި
ސަން
25 ޖޫން 2025 | ބުދަ | 7:29
މުސްލިމުންގެ އަދުއްވުންނާ ދެކޮޅަށް އެއްބައިވެ، އިސްލާމްދީން މަތިވެރިކުރުމަށް މަސައްކަތް ކުރުމަށް އެންމެހާ ދިވެހީންނަށް، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ހިޖުރީ އައު އަހަރުގެ ތަހުނިޔާ ދިވެހީންނާއި، އެންމެހާ މުސްލިމުންނަށް ފޮނުއްވައި ސިޔާމް ނެރުއްވި ޚިޠާބުގައި ވިދާޅުވީ، މިއަދު، ދުނިޔޭގައި މުސްލިމުންގެ އަދަދު ގިނަ ނަމަވެސް މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ. ޚާއްސަކޮށް ދީނަށް ނަފްރަތުކުރާ އަދުއްވުން އަޑީގައި ތިބެ، އިސްލާމްދީނުގެ އުސޫލުތައް މުގުރާލައި، ފިތުރަތުގެ ގާނޫނާ ޚިލާފަށް ހަރާމް ކަންކަން ހަލާލުކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަކަމަށް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ލާދީީނީ ފިކުރުތައް ފަތުރައި، ދީނީ އިލްމުވެރިންނަށް ބަދުބަސް ބުނެ އަނިޔާކޮށް، ހަރުކަށިކަމުގެ ޓެގު އިލްމުވެރިންގެ ބޮލުގައި އެޅުވުމަށް މަސައްކަތްކުރާ ބަޔަކު މިއަދު ވެސް އުޅޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއާއެކު އެ މަނިކުފާނު ވަނީ އެ ފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެންމެން އެއްބައިވެ މަސައްކަތް ކުރުމަށް ގޮވައިލައްވައިފައެވެ.