މާލީ އިސްލާހާ ގުޅޭ ކޮންފަރެންސަކަށް ނައިބު ރައީސް ސްޕެއިނަށް
ސަން
27 ޖޫން 2025 | ހުކުރު | 11:48
ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފްއެފްޑީ4)ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ސްޕެއިނަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، މި ކޮންފަރަންސް ކުރިއަށް ދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސްޕެއިންގެ ސެވިލްގައި ކަމަށެވެ.
އެގޮތުން، މި ކޮންފަރަންސްގެ އިފުތިތާޙީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި ނައިބު ރައީސް ބަޔާނެއް އިއްވެވުމަށް ތާވަލުކުރެވިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި، މަސްލަހަތުވެރިންނާ އެކު ބާއްވާ ސިންތާތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.