ހަލާލު ޓޫރިޒަމްގެ މޮޑެލަށް ހަންކެޑެ ނުހިންގޭނެ، މިއީ އައްޑޫގެ ތަރައްގީއަށް އަޅާ ބޮޑު ހުރަހެއް: ފައްޔާޒް
ސަން
29 ޖޫން 2025 | އާދިއްތަ | 10:46
އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރި އައްޑޫ ސިޓީ ހަންކެޑެ މަޝްރޫއު، ހަލާލު ޓޫރިޒަމްގެ މޮޑެލަށް ނުހިންގޭނެ ކަމަށާއި މަޝްރޫއަށް ބަދަލު ގެނައުމަކީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ ހަލާލް ޓޫރިޒަމް ތަރައްގީކުރާ ފަސް ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި، ހަންކެޑެ ކަނޑައެޅުމުން އެކަމާ ނުރުހުން ފާޅުކުރައްވައި، ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒުގެ ޕޯސްޓުގައި ވަނީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހަންކެޑެ މަޝްރޫއަށް 400 މިލިއަން ޑޮލަރުގެ އަގުބޮޑު އިންވެސްޓްމަންޓުތައް ޔަގީންކޮށްދީފައި ވާކަމަށެވެ. އަދި މިއީ ހުރިހާ ޕްލޭނެއް ނިމި، ފައިސާ ވެސް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި އައްޑޫގެ ޓޫރިޒަމާއި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއުއެއް ކަމަށެވެ.